މުޅި ރާއްޖެ ޝާމިލުވާގޮތަށް އެކި ސަރަހައްދުތަކަށް ބަހާލައިގެން، މި ދައުރުގައި ޕަބްލިކް ލައިބްރަރީ ހިދުމަތް ގާއިމު ކުރުމުގެ ސިޔާސަތަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ކިނަޅޮހަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ޕަބްލިކް ލައިބްރަރީ ގާއިމު ކުރުމުގެ ސިޔާސަތު ގެންގުޅުއްވާކަން ހާމަ ކުރައްވައިފައެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާ އެއްގައި ޔާމީން ވިދާޅުވީ، މި ޒަމާނުގައި ލައިބްރަރީއަށް ދާނެ މީހަކު ނުވާނެ ކަމަށާއި، ޒުވާނުންނަށް ކަމެއް ކޮށްދޭނަމަ، ހަލުވި ސްޕީޑުގައި އިންޓަރނެޓް ލިބޭ ގޮތް ހަދަންޖެހޭ ކަމަށެވެ.
”ކާކުތޯ މިއަދު ލައިބްރަރީ ފޮތް ބަލަން އިންނަނީ؟ އެކަން ކުރަންޏާ، ކަރަންޓް، އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އިންޓަރނެޓް ސްޕީޑް ބާރުކޮށްފަ، އިންޓަރނެޓް އަގުހެޔޮ ކޮށްފަ، ކުދިންނަށް އިންޓަރނެޓްގެ ތެރެއިން ރިސާޗު ކުރެވޭނެ ގޮތް ހަދައިދީ.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، މިހާރު ކުދިން ރިސާޗުކޮށް، ފޮތް ކިޔަނީ ޔޫޓިއުބް ނުވަތަ ގޫގުލް މެދުވެރިކޮށް ކަމަށާއި، އެހެންވެ، ކޮންމެ ރަށެއްގައި ލައިބްރަރީއެއް އެޅުމުގެ ބަދަލުގައި، އިންޓަރނެޓް އަގުހެޔޮ ކުރުމަކީ ބޭނުންތެރިކަމެއް ކަމުގައެވެ.
ރާއްޖޭގެ ރަށްތަކުގި ގައުމީ ކުތުބުހާނާގެ ގޮފިތައް ގާއިމު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
މިކަން އިއުލާނު ކުރައްވައި އެމަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރަށްތަކުގައި ތައުލީމު ހާސިލި ކުރަމުން ގެންދާ ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ލޯބި އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމްކުރަން ނިންމާފައިވާކަމަށެވެ.
މި ދައުރުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

