މި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ކައިރިއަށް ޒިޔާރަތް ކުރުމަކީ މޫސުމީ ކަމަކަށް ނުވުން ކަމަށް ސޯޝަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ހާލު ބެލުމަށް، ސޯޝަލް މިނިސްޓްރީން ”ހާލު ކިހިނެއް؟“ މި ނަމުގައި ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.

ހާލު ކިހިނެއް“ ޕްރޮގްރާމަކީ، ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުންމުގެ އަމާޒުގެ ދަށުން، ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކާ ސަރުކާރުންކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން، މި މަހުގެ 18 އިން 25 އަށް ކުޅުދުއްފުށި ސިޓީގައި ވެސް ރައްޔިތުންގެ ހާލު ބެލުން ކުރިއަށް ގެންދިޔައެވެ.

ލަހުފާ ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ، ރައްޔިތުންގެ ހާލު ބެލުމަކީ މޫސުމީ ކަމަކަށް ނުހެދުން ކަމުގައެވެ.

”ރައްޔިތުންގެ ހާލު ބަލާލައި، ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރުމަކީ މޫސުމީ ކަމަކަށް ވެގެން ނުވާނެ. މިއީ ރައީސްގެ ވިސްނުންފުޅަކީ!“ ލަހުފާ ފޭސްބުކްގައި ވިދާޅުވިއެވެ.

ލަހުފާ އިތުރަށް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ، ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.