ސަރުކާރުން ކަންކަން އިއުލާނުކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން އިއުލާނުކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ސުކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވިދާޅުވީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރައްވަމުންގެންދަވާކަމަށެވެ.
އަދި ސަރުކާރުގެ ދުރުރާސްތާ ޕްލޭނާއި މެދުރާސްތާގެ ޕްލޭންގެ އިތުރުން ކަންކަން ކުރުމުގައި އިސްކަންދެއްވާ ތަރުތީބުވެސް ޢިއުލާންކުރައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ޙައްލުތައް ގެނެސްދިނުމަށް“ ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވިދާޅުވީ ސަރުކާރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކުރައްވައިގެން، ރަށްރަށުގައި ނުފެށި ހުރި، އަދި ހުއްޓިފައިހުރި މަޝްރޫޢޫތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާކަމަށެވެ.
އަދި އެކަންކަން ކާމިޔާބުކުރެއްވޭކަމުގައި ފާހަގަކުރައްވައި، ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުޞަތުތަކުގެ ތެރެއިން ހުއްޓިފައި ހުރި، ނުހިނގާހުރި ކަންކަމާއި، އަދި ސަރުކާރުން އަލަށް ކުރުމަށް ވަޢުދުވެފައިވާ ކަންކަން ހިނގައިގަންނަ މަންޒަރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުރައިދޫގެ ތަރައްގީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫޢުކަމަށެވެ.
އެހެންކަމުން ބޭރުތޮށީގެ މައްސަލަ ހައްލުކުރުމަށްފަހު، މަގު ހެދުމަށް ވެވަޑައިގެންނެވި ވަޢުދު މި ދައުރުތެރޭގައި ފުއްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރަށުގެ އާބާދީއަށް އެކަށީގެންވާވަރަށް، ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް، ކޮންމެ ރައްޔިތަކަށްވެސް ލިބުމަށް، އެމަނިކުފާނު އެދިވަޑައިގަންނަވާކަމުގައި ފާހަގަކުރައްވައި، އެކަންވެސް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާނެ ކަންކަންވެސް ތަރުތީބުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ، ކުޅިވަރުގެ ދާއިރާވެސް، މުރައިދޫގައި ކުރިއެރުވުމަށް ރާއްވަވައިގެން ސަމާލުކަންދެއްވާ ތަރުތީބުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

