ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މުރައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުރައިދޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި މުރައިދޫ ކައުންސިލުން ވަނީ، ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ނެރާއި ބޭރުތޮށްޓާއި ބަނދަރުގެ މައްސަލައިގެ ސަބަބުން ލަފާފުރުމަށް ދިމާވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށާއި، ރަށު ސްކޫލާއި ސިއްހީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން މުރައިދޫގެ މަގުތަކުގެ ހާލަތާއި، ކަރަންޓުގެ ޙާލަތު ހިއްސާ ކުރައްވައި، ފުޓްސަލް ދަނޑެއް ބޭނުންވާކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
ތައުލީމީ ދާއިރާގެ ތަރައްގީއަށްޓަކައި ކައުންސިލާއި ސްކޫލާއި ތައުލީމީ ވުޒާރާ ގުޅިގެން ތަރައްގީގެ ޕްލޭނެއް އެކުލަވާލައިގެން ރަށު ސްކޫލަށް ބޭނުންވާ ކަންކަން އެންމެ އިސްކަންދޭ ތަރުތީބަކުން ބަހާލައިގެން ކޮށް ނިންމުމަށާއި ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިރުޝާދު ދެއްވިއެވެ.

