މިހާތަނަށް ސަރުކާރުތަކުން ސަމާލުކަން ދެއްވާފައި ނުވާ މިންވަރަށް ސަމާލުކަން ދެއްވައިގެން މި އަހަރާއި މި އަންނަ އަހަރު، ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް، ފާހަގަކުރައްވާނީ ހއ. އުތީމުގައިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިފަދައިން އިއުލާނު ކުރެއްވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ އުތީމު މަހާރަދުންގެ އުފަން ރަށް ކަމަށާއި، އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި މިއީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީީސް ވަނީ، އެކަމަށް ބޭނުންވާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ޤައުމީ ވިސްނުންފުޅެއްގައި، ހުރިހާ ރައްޔިތުންގެ ހައްގުގައި، ކޮށްދެއްވާ ކަމެއްގެ ގޮތުގައި، ކޮށްދެއްވަންޖެހޭ ކޮންމެކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ހއ. އުތީމުގައި ގައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ ދެ އަހަރުގެ މަޝްރޫއުއެއްގެ ގޮތުގައިކަން ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ، ފިކުރީ ގޮތެއްގައި ގައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، ހއ. އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށެވެ.

ހއ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދޭ ބުނެދިނުމަކީ، ކޮންމެ ރައްޔިތެއްގެ ހިތުން ކިޔާ ނިދާއަކީ، އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ޤައުމީ ތަރިކައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

އެހެންކަމުން، ސަރުކާރުގެ ތަރައްގީގެ ދުވެލީގައި މުހިންމު ދައުރެއް، ވަރަށް ފުރިހަމަ ގޮތެއްގައި ހއ. އުތީމުގައި އަދާކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން، އުމްރާނީ ތަރައްޤީގެ ރޮނގުންވެސް ގިނަ މަޝްރޫއުތަކެއް ހއ. އުތީމުގައި ހިންގަންޖެހިފައި އެބަހުރިކަން ފާހަގަކުރައްވައި، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ އެހެން ރަށްތަކާ ތަފާތު ކުރުން ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ ހައްގުގައި ކުރައްވަންޖެހޭ ކަމެއް ކަމުގައި، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ ގޮތުން ބަލާއިރުވެސް، ކަން އޮންނަންޖެހޭ ގޮތަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަފައި ވަނީ، ހއ. އުތީމުގެ ތަރައްޤީއަށްޓަކައި މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް އުތީމަށް އެނބުރިވަޑައިގެންނެވުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ބެހެއްޓުމާ ބެހޭ އެއްބަސްވުމުގައި ހއ. އުތީމު ކައުންސިލާއި ބީ.އެމް.އެލްއާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.