ހއ.ދިއްދޫ އެއާޕޯޓް މަޝްރޫއު އަކީ ސަރަހައްދީ ތަރައްގީގެ ޕްލޭންގައި ވެސް މުހިންމު މަޝްރޫއުއެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިރޭ ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫ އެއާޕޯޓު މަޝްރޫއު އަކީ އެ ސަރަހައްދުގެ މެދު އަދި ދުރު ރާސްތާގެ ތަރައްގީ އަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.
”އެކަން ކުރުމަށްޓަކާ އަމަލީ މަސައްކަތް ފެށުމަށް، މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިފައި. އެމްޓީސީސީ އަށް ބައެއް މަސައްކަތް، އަދި ބޭރުގެ ފަރާތްތަކާއެކީގައި އެގްރީމަންޓްގައި ސޮއިކުރެވި، ގިނަ މަސައްކަތް ފެށި، އަމަލީ މަސައްކަތް ފެށުމާ ހަމައަށް މި ދަނީ.“ ރައީސް ވިދާޅުވިއެވެ.
ރައީީސްގެ ވާހަކަފުޅުގައި ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ، ﷲގެ އިރާދަފުޅާއެކު، ދެން އެމަނިކުފާނު ދިއްދުއަށް ވަޑައިގަންނަވާނީ، އެ ރަށުގެ އެއާޕޯޓުގެ މަޝްރޫއު އަށް ޖައްސާނެ ފްލައިޓަކުން ކަމަށެވެ.

