އެއްވެސް މީހަކަށް ސިޔާސީ ގޮތުން އަދަބެއް ނުދެއްވާ ކަމަށާއި، ގައުމަށް ހަމަޖެހުން ގެންނަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ހއ.ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، މިވެރިކަމުގައި އެއްވެސް ސިޔާސީ ފަރާތެއް ޖަލަށް ނުލާކަން ވެސް ފާހަގަކުރައްވައިފައެވެ.
”އަޅުގަނޑު ކެމްޕެއިން ތެރޭގައި ދެންނެވިން، މި ގައުމަށް އެބަޖެހޭ ހަމަޖެހުން އަންނަން. ސިޔާސީ ގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ އަޅުގަނޑުގެ ކިބައިން ފެންނާނެ ކަމެއް ނޫނޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް، ސިޔާސީ ފަރާތެއް ޖަލަށްލާ މަންޒަރު ނުފެންނާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ”ކިތަންމެ އެއްޗެއް“ ކިޔުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ފާޑުކިޔަސް، އިސްލާމް ދީނުގެ ހަމަތައް އެންމެން ވެސް ގަބޫލުކޮށް، ރިވެތި އަހުލާގު އިސްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރިވެތި ބަހުރުވަ ބޭނުންކުރަން ޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލު ކުރަން ޖެހޭނެ.“ ރައީީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮންމެ މީހެއްގެވެސް އަބުރެއް އޮންނާނެ ކަމަށާއި، އަނެކާއަކީ ތިމާއަށްވުރެ ނިކަމެތި މީހެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
ބަދަލު ހިފުމުގެ ރޫހު ގެންގުޅެ، ސިޔާސީ ފަރާތްތަކަށް އަދަބު ދީ، ޖަލަށް ލުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ރައީީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

