ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ދިއްދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލުން ވަނީ، އެ ރަށު އައިސް ޕްލާންޓާއި އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސްވުމުގެ ކަންބޮޑުވުމާއި މީހުން ދިރިއުޅޭ ސަރަޙައްދުން އިންޖީނުގެ ބަދަލުކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތަކާއި ރަށު ކައުންސިލްގެ އިދާރާއަށް އައު އިމާރާތެއްގެ ބޭނުން ޖެހިފައިވުމާއި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުވެފައި ހުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ދިއްދޫ ހޮސްޕިޓަލާއި ސްކޫލަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކުރަންޖެހިފައިވާ މަސައްކަތް މި ބައްދަލުކުރެއްވުމުގައި އެ މުއައްސަސާތަކުގެ ވެރިން ހިއްސާކޮށްދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ މަސައްކަތްޕުޅު ތަރުތީބު ކުރެވިފައިވަނީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، އެ ކަންތައްތައް ފުރިހަމަކުރެއްވުމާއެކު ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފަހިކޮށްދެއްވުމަށްކަން ހާމަކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ރައީސްގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދިއްދޫގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

