ފޮރިން މިނިސްޓަރު ޑރ. ހަލީލް ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޑރ. ހަލީލްގެ މިދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއ ނަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ފައިސަލްއާ ބައްދަލުކުރައްވައި، ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ރަހްމަތްތެރިކަމުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ކޮމަސްއާ ވެސް މިނިސްޓަރު ހަލީލް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.