ޗައިނާގެ ރައްޔިތުންނަށް ތަރައްގީއާ ފާގަތިކަން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚުލާސްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެސެޖްގައި، ރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ”ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ޞިއްޙަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.