ހއ. އިހަވަންދޫގައި އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީީސް ވަނީ އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާއި، ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުއަ ސިނާއަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އަދި، މިއަހަރުގެ މޭމަހު އަމަލީ މަސައްކަތްފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މިމަޝްރޫއުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކުރެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޖުމްލަ، 474 މިލިއަން ރުފިޔާ ހަރަދުވާ މިމަޝްރޫއުއަ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްގީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއުއެއްކަމުގައި ރައީީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރިޔާސީ އަމާޒަކީ، ރައްޔިތުންގެ ބޭނުންތަކަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށާއި ދައުލަތުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންވެފައިވަނީ އެ އުސޫލުގެ ދަށުންކަމުގައި ފާހަގަކުރައްވަމުން، ރައީސް ވަނީ ހއ. އިހަވަންދޫގެ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކުރެވިގެންދާނޭ ކަމަށްވެސް ރައީީސް ވިދާޅުވިއެވެ.

ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި ހއ. އިހަވަންދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ތައާރަފްކޮށްފައިވެއެވެ.

މީގެއިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން، ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް ޤާއިމްކުރާ ހޮސްޕިޓަލާއި، ދަނޑުގެ މަސައްކަތާއި، އިހަވަންދޫ ހުރަވީ ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.