ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް، އަންނަ މަސް ނިމެންވާއިރަށް ހިނގައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހއ.އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރަށްރަށުގައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ރީ-ސްޓާޓް ކުރުމުގެ މަސައްކަތް، މިހާރު ވަރަށް ބާރު ސްޕީޑްގައި، އިދާރީ ގޮތުން ނިންމަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
”އޭގެތެރޭގައި އެބަ ހިމެނޭ، ކޮންޓްރެކްޓްގައި އޮންނަ އުސޫލުގެ ތެރެއިން، ޓަރމިނޭޓް ކުރަންޖެހޭ ފަރާތްތަކުން ޓަރމިނޭޓްކޮށް، މި ދެންނެވިހެން މަސައްކަތް ހިނގާގޮތަށް، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުން. އެ ކަންތައްތައް އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކަމާބެހޭ މިނިސްޓްރީއާއި، ކަމާބެހޭ ކުންފުންޏާ އެކީގައި ކުރިއަށްދާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްނުދާ ކަމަށެވެ.
އެގޮތުން އުލިގަމު ދަނޑުގެ މަޝްރޫއު ކުރިއަށްދަނީ ދަނޑަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަމަނުކޮށް ކަމަށާއި އެއީ ކުރީ ސަރުކާރުން އެ ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެގޮތުން ދަނޑު ތަރައްގީ ކުރާއިރު ހުރިހާ ވަސީލަތަކާއެކު ފުރިހަމަ ދަނޑެއް ތަރައްގީ ކުރާނީ އެއް ކުންފުންޏަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މި ރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓާމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއުއެއް ހުއްޓިފައި ހުރީ މިހެންވެފައޭ. ހުރިހާ މަޝްރޫއުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫއުއެއް ހިނގައިގަންނާނެ،“ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އުލިގަމުގެ ތަރައްގީއަށް، ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނެކަން އިއުލާންކުރައްވާފައެވެ.

