މި މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހއ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި ތަރައްގީގެ އެތައް މަޝްރޫއުއެއް ފައްޓަވައިދެއްވައި، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވިއެވެ.

މިއަދު ނިންމަވައިލެއްވި ދަތުރުފުޅާއެކު، ހއ އަތޮޅަށް ވަނީ ތަރައްގީގެ އީދެއް އައިސްފައެވެ. އެމަނިކުފާނު ވަނީ ގިނަ ރަށްތަކެއްގައި މުހިންމު ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފައެވެ.

އެތައް އުއްމީދީ ވާހަކަފުޅުތަކެއް ވެސް ރައީީސް ހިއްސާ ކުރެއްވިއެވެ. މިއީ ފެށުމެއް ކަމަށާއި، ދެން އޮތީ، ބާރު ދުވެލީގައި ގައުމު ތަރައްގީގެ ކުލަވަރު ދެކޭނެ ދުވަސްތަކެއްކަމުގެ ޔަގީންކަން ދެއްވިއެވެ.

ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުފުޅުތައް ހަނދުމަފުޅު ނުނެތޭ ކަމާއި، އެކަންކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ވައުދުތައް ވެވަޑައިގަންނަވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތިކަމަށް ބުނެ، ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ.

”އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ހައްލުތައް ގެނެސްދިނުމަށް“ ހއ.މުރައިދޫގައި ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު، ހއ އަތޮޅުގެ ރަށެއްގައި-

ރައީީސްގެ ދަތުރުފުޅުގައި އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއުތައް ފެއްޓެވި ރަށްތައް:

އުލިގަމު

މޮޅަދޫ

މުރައިދޫ

އިހަވަންދޫ

ތަކަންދޫ

މާރަންދޫ

 

ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވި ރަށްތައް:

މާރަންދޫ

ތަކަންދޫ

 

 

ރައީީސްގެ މި ދަތުރުފުޅުގައި އިހަވަންދޫގައި އިމާރާތް ކުރާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ ވެސް އަޅުއްވައިދެއްވައިފައިވެއެވެ.

މި ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީ، އޮފީސް އިމާރާތް ައަދި އިންޖީނުގެ، ވެހިކަލް ވޯކްޝޮޕް އަދި ގުދަނާއި، 7 މީޓަރު ފުންމިން ހުންނަ 1000 މީޓަރު ދިގު މަގަތު ފާލަން، 4.5 މީޓަރު ފުން މިނުގެ ބަނދަރު ހިމެނޭނެއެވެ.

ރައީީސް ވިދާޅުވީ، މިއީ 150 ވަޒީފާ އުފައްދާނެ މަޝްރޫއުއެއް ކަމުގައެވެ.

 

 

ރައީސް ވަނީ، ހޯރަފުށި ޖުވެއިނަލް ހަފްވޭ ހައުސް ހުޅުއްވައިދެއްވައި، އިހަވަންދޫގައި އައުޓްޑޯ ވޮލީ ބޯލް ކޯޓާއި ފުޓްސަލް ދަނޑު ވެސް ހުޅުވައިދެއްވައިފައެވެ.

 

 

ރައީސް އިހަވަންދޫގައި އައިޑީ ކާޑާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ވެސް ފައްޓަވައިދެއްވިއެވެ.

 

 

ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅި ރަށްތައް:

ތަކަންދޫ

މުރައިދޫ

ފިއްލަދޫ

އުތީމު

 

މީގެ އިތުރުން، ހއ.ފިއްލަދޫގައި މަގޭ ސޯލާ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވައި، އުތީމުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

ރައީސް ވިދާޅުވީ، ދެން އެމަނިކުފާނު ހއ.ދިއްދޫ އަށް ވަޑައިގަންނަވާނީ، އެ ރަށުގައި އަޅާ އެއާޕޯޓަށް ޖައްސާނެ ފްލައިޓެއްގައި ކަމަށެވެ.

އެ ރަށުގައި އަޅާނެ އެއާޕޯޓަކީ، އެ މުޅި ސަރަހައްދުގެ ތަރައްގީ އަށް ވެސް މުހިންމު މަޝްރޫއުއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް މުއިއްޒުގެ ވެރިކަމަށް އަހަރެއްވީއިރު، އެމަނިކުފާނު މިހައިތަނަށް ވަރަށް ގިނަ ރަށްތަކަށް ދަތުރުފުޅު ކުރައވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.