ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އެންމެ ގިނަވެގެން ވެސް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދެވޭނީ 90،000 ރުފިޔާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން އަންގައިފިއެވެ.

އެ ބޯޑުން ނެރެފައިވާ ސާކިއުލާއެއްގައި މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނިތަކުގައި ތިބޭ ޓެކްނިކަލް މުވައްޒަފުން ފިޔަވައި ކުންފުނީގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށް ޕީސީބީން ވަނީ އަންގައިފައެވެ.

އެ ފިޔަވަޅަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށްވެސް ޕީސީބީން ބުންޏެވެ.

މީގެކުރިން ޕީސީބީން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރު ކުންފުނިތަކުން ވެސް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނޫން އިތުރު މުވައްޒަފުން ނުނެގުމަށް އަންގައިފައެވެ.

ހަރަދު ކުޑުކުރަން މުސާރަތަކަށް ގެންނަ ބަދަލުތަކުން 12,000 ރުފިޔާއަށް ވުރެ ދަށުން ލިބޭ މުވައްޒަފުން އިސްތިސްނާ ވާނެއެވެ.