މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރަންވީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދު ކުރި ބަތަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެގެން ކަމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާލާކުރުމަށެވެ.

މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ.