ތިލަމާލެ ބްރިޖު މަޝްރޫއު އަވަސް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވި، އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދާ ގޮތަށް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ ހަސަން ވިސާލް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ ދަތުރުގައި ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރެއްވި ކަމަށެވެ.
އެގޮތުން މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރެވުނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވެސް މި ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

