ނުރައްކާތެރި ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހި ކުރުވާ ސަބަބާ ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. ރާއްޖޭގައި މިވަގުތު ކެންސަރަށް ފަރުވާ ކުރާ މީހުންގެ އަދަދު 1،600 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ޕޯސްޓެއް ވަނީ، ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސް ކުރައްވައިފައެވެ.
ކެންސަރު ބައްޔަކީ ގައިން ގަޔަށް ނާރާ ބައްޔަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މި ބަލި ޖެހުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވާ ނުބައި އާދައެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ރައްޔިތުން ދުންފަތާ ދުރުކުރުމަށްޓަކައި، ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރޭޓުގެ ަގު އުފުލިފައިވާއިރު، އެ ވިކޭ ނިސްބަތް ވެސް މަދެވެ.
ސިނގިރޭޓު ބުއިމަކީ ކެންސަރުގެ އިތުރުން ވެސް، ހިތުގެ ބަލިތައް ޖެހުމަށް މަގުކޮށައިދޭ ކަމެކެވެ. ކޮންމެ އަހަރަކު ސިނގިރޭޓު ބުއިމުގެ ސަބަބުން މުޅި ދުނިޔޭގައި އަށް މިލިއަން މީހުން މަރުވެއެވެ.

