ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު، ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރއަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރުކަމުގެ މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން، ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް، ބައި ގަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ސިފަ ކުރައްވާފައިވެއެވެ.

އަދި ދެ ގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަހަތު ހިމެނޭ ބައިނަލްއަގްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް ދެއްވާފައިވެއެވެ.