ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން ފެނުނު ފައިސާތައް ހަވާލުކޮށްފިއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ފަޒުލް ދިރިއުޅޭ މ. ޒޭވަރު ގެ ފުލުހުން ބަލައިފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ ގެއިން 1.4 މިލިއަން ރުފިޔާ ފުލުހުންނަށް ފެނިފައިވެއެވެ.
ފުލުހުން އިއްޔެ ބުނީ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އެޕާޓްމަންޓް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފަޒުލްގެ ގެ ފުލުހުން ބަލައި ފާސްކުރުމުން 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށް، ލޯންޗެއް ބަންނަން ފަޒުލްއަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ރިލެކްސް ފެރީ ސާވިސް ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.

