ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.

އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ތަރައްގީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރުއެވެ.

 

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ

 

މި އިސްރަށްވެހިންގެ ނާދީގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

އެގޮތުން، މިއަދު ހުޅުވިގެންދިޔަ ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކުއެވެ.

މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ މަރުކަޒެކެވެ.

އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބޭނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އެ މަޒުކަޒު ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށެވެ. އަދި އޭގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރި އަދި ބަދިގެވެސް ހިމެނޭ ގޮތަށެވެ.

 

ހުޅުމާލޭގައި ގާއިމުކުރި އިސްރަށްވެހިންގެ ނާދީ

 

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން އިރުއޮއްސި 18:00 އަށެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ

މިއީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހިންގުމަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ.

އެޗްޑީސީން ބުނީ، މި ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.