ތިލަމާލެ ބްރިޖު މަޝްރޫއު އަވަސްކުރުމަށް ބާރުއެޅުމަށް ހައުސިން މިނިސްޓަރު ޑރ.މުއްތަލިބާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ބަލަސުބްރަމާނިއަންއާ މަޝްވަރާ ކުރައްވައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކަމަށް ބަލަސުބްރަމާނިއަން އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

ނަމަވެސް އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުއްވީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހުއެވެ.

ތިލަމާލެ ބްރިޖުގެ 48 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ.

2026 ވަނަ އަހަރު މިމަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ.