މާތް ﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު ކަމަށާއި، ކުރިޔަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވަވައި ދެއްވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަޒުމަކީ ތެދުވެރިކަމާ އިހްލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރުން ކަމުގައެވެ. އަދި ނަފްސުގެ މައްޗަށް އިތުބާރުކޮށް، ނުގުޑާ ފަދަ އަޒުމެއްގައި ކުރިއަށް ދިޔުން ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރިޔާސީ ބަޔާނަށް ހުރަސް އަޅައި، އަޑުގަދަ ކުރަމުންދަނިކޮށް، ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ މުސްތަގްބަލާ ހާލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސަކީ މާތް ވެގެންވާ އިސްލާމްދީނާ ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރުން ކަމުގައެވެ.

”ވަކިން ހާއްސަކޮށް، ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގޮތުގެ މަތިން ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެއީ އިސްލާމީ އަގީދާ ވަރުގަދަކޮށް، ދިވެހީންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުމަށް ކުރެވުނު މަސައްކަތްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށް ”ރިސާލަތު“ ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަރުމާކޮށް މިދިޔަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮގްރާމް ހިންގުނުކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މި އަހަރު ވެސް އެ ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.