މި ލޮބުވެތި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އެމަނިކުފާނު އަޒުމް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަވައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ވެރިކަމާ ހަވާލުވެ ގައުމާ މުހާތަބު ކުރެއްވކ ފުރަތަމަ ދުވަހު، ވީ އެންމެ ބޮޑު ވައުދަކީ، ރައީީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދެވެ.

”އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ގައުމީ ވާޖިބެއް. އެހެންކަމުން ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއުކުރެވޭނެވަރުގެ ގާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެ.“ ރައީސް ވިދާޅުވިއެވެ.

މިގޮތުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

”ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް އެބަ ކުރިޔަށްދޭ. ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ގާއިމް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން އެބަދޭ.“ ރައީސް ވިދާޅުވިއެވެ.

ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ’ސްޕެޝަލް ބޯޓް ސްކޮޑްރަން‘ 03 ނޮވެންބަރު 2024 ގައި އުފައްދައި، ހިދުމަތަށް ނެރެވުނުކަން ވެސް ރައީީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވައިގެމަގުން ވެސް ގައުމު ދިފާއުކުރެވެން ޖެހޭނެ ކަމަށާއި ޒަމާނީ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެމް.އެން.ޑީ.އެފް އެއަރ ކޯރ ވެސް އުފެއްދި، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުމުން، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ހޯދަން ފެށިއްޖެ ކަމުގައެވެ.

މީގެއިތުރަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި ކަމަށް ރައީީސް ވިދާޅުވިއެވެ.

”ހަމައެއާއެކު، މިއަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ. އަދި ގިރިފުށީ ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރެވޭނެ. މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ގާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ.“

އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭއިރު ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާނެ ކަމަށް ވެސް ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.