ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައިވާއިރު، އެއީ ތާރީހީ، ބޮޑު އަދަދެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.

”އެއީ، ރާއްޖޭގެ މުޅި ތާރީހުގައިވެސް މި މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓު.“ ރައީސް ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ވީ ވައުދުގައި 58 ރަށެއް ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން، ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ކޮންޓްރެކްޓަރަކާ އެކުގައި ވަނީ ސޮއިކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

”ބާކީ 57 ރަށުގައި ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރުވާނީ އިއުލާނުކޮށްފައި.“ ރައީސް ވިދާޅުވިއެވެ.

މާލެ ފިޔަވައި، އެހެން ރަށްރަށުގައި މި އަހަރު 12,940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް، މި އިއުލާނުގެ ދަށުން ކޮންޓްރެކްޓަރުން ހޯދައިގެން ފެށުމަށް ކަނޑައަޅާފައިވާ ކަމަށާއި، މީގެ ތެރެއިން ވަރަށް ބޮޑު ބައެއް އިމާރާތް ކުރުމަށް ރާވާފައި ވަނީ އާބާދީ ބޮޑު އަދި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށްރަށުގައި ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

”އެގޮތުން، ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް، އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1100 ހައުސިންގ ޔުނިޓް، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ މިއިން ކޮންމެ ރަށެއްގައި 500 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ވާނީ އިޢުލާނުކޮށްފައި.“

އަދި އިތުރު 22 ރަށެއްގައި 100 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމަށް ވަނީ އިއުލާނުކޮށްފައި ކަމަށާއި  100 ހައުސިންގ ޔުނިޓަށްވުރެ މަދުން އިމާރާތް ކުރުމަށްވެސް 20 ރަށެއް، މި އިއުލާނުގައި ވާނީ ހިމަނާފައި ކަމަށް ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު އެއް ވައުދެވެ.