ގއ.ވިލިނގިލީގައި ވިހެއުމަށްފަހު، އަންހެނަކާ އޭނާ ދަރިފުޅު ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގަވައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ވިދާޅުވީ ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައި ކަމަށެވެ.
ގއ.ވިލިނގިލީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބި، ދެމައިން ނިޔާވި މައްސަލަ ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީން ވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގު އަދި އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ.


ދިގު މާޒީގެ ތަޖުރިބާއަށް،ބަލައި ދިރާސާ ކުރިއިރު،ތިޔަ ތަހުގީގު އެއްވެސް ތާކުންތާކު ނުޖެހި ނިމޭނީ! މޯލްޑިޔަނުންވެސް،ވިލިގިލީ ހޮސްޕިޓަލުންވެސް ޒިމްމާ ވާކަށް ނުޖެހޭނެ! އުމުރު ހުސްވެގެން މަރުވީކަމަށް،ސާބިތު ކުރެވޭނީ!