ދިވެހިރާއްޖޭގެ ތާރީހުގައި ވެސް، ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ، މިދިޔަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައެވެ.
”އެގޮތުން، 2023 ވަނަ އަހަރާ އަޅައިބަލާއިރު، ފަތުރުވެރިން ޒިޔާރަތްކުރި އަދަދު، 9 އިންސައްތަ، ފާއިތުވީ އަހަރު ވަނީ އިތުރުވެފައި. މި އަހަރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުން. މި އަމާޒު ހާސިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް، މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅު، ތ. އަތޮޅު ފަދަ އަތޮޅުތަކުގައި، މި އަހަރުގެ ތެރޭގައި އިންވެސްޓް ކުރުމަށް ލުއިތަކެއް ދީގެންނާއި، އެނޫން އިންސެންޓިވްތައް ދީގެން، ރިޒޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒުކަން ރައީީސް ވަނީ ފާހަގަކުރައްވައިފައެވެ.
”ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވާނީ ވައިޑްބޮޑީ އެއަރ ކްރާފްޓް އިފްތިތާހު ކޮށްފައި.“ ރައީސް އިތުރަށް ވިދާޅުވިއެވެ.
އަދި ޗައިނާގެ އިތުރު ސިޓީތަކަށާއި، އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ވައިޑް ބޮޑީގެ އިތުރު އެއަރ ކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން، ޔޫރަޕުގެ ބައެއް މަންޒިލްތަކަށްވެސް، ގައުމީ އެއަރލައިން ސީދާ އުދުހެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

