ޒަމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑެއް ތައާރަފު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މި އަހަރު ހުށަހެޅުއްވި ރިޔާސީ ބަޔާނާ ގުޅިގެން، ދައުލަތުގެ މީޑިއާ އިން ގެނެސްދިން ރިޔާސީ ބަޔާން 2025 ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޒާމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑު ވާނީ ބައިނަލްއަގުވާމީ ފެންވަރުގެ އެއްޗަކަށް ކަމަށެވެ.

ޒަމާނީ އައިޑީ ކާޑު ބޭނުން ކުރަން ފެށުމުން، ކާޑުގެ ވެރި މީހާއަށް އެއްވެސް ހިދުމަތް ދޭ ތަނަކުން އައިޑީ ކާޑަށް އެކްސެސް ވެއްޖެ ނަމަ އެކަން އެނގޭނެ ކަމަށާއި، އެއްވެސް މީހެއްގެ ރުހުމަކާ ނުލައި، ކާޑަށް އެކްސެސްވެ އެއްވެސް މުއާމަލާތްތައް ނުހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

އައު ކާޑުގެ މައުލޫމާތު ހޯދީ ކާކުކަން ނުވަތަ ކޮން ކަމަކާއި ގުޅިގެންކަން ވެސް ބެލޭނެ ކަމަށާއި، މިހާރު ރާއްޖޭގައި ބޭނުން ކުރަމުންނަ ”އީ-ފާސް“ މެދުވެރިކޮށް އައިޑީ ކާޑުގެ މައުލޫމާތު ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައު ކާޑުގެ ކޮންމެ މުއާމަލާތަކަށް ވެސް، ވެރިފަރާތުގެ ހުއްދަ ބޭނުންވާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.