މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުވުމަކީ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، ކާމިޔާބީ ހޯއްދެވި ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، ވޯޓު ދިން ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެމަނިކުފާނު މިރޭ އެކްސްގައި ވިދާޅުވީ، މިއަދު ބާއްވަން ކަނޑައެޅި ބައި-އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި، އަދި އިންތިހާބުގައި ވާދަކޮށްގެން 9 ގޮނޑި ޕީއެންސީ އަށް ކާމިޔާބު ވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން އަތޮޅު ކައުންސިލުގެ ރައީސްކަމުގެ 1 ގޮނޑިއާއި، ރަށު ކައުންސިލުގެ ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބު ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

”މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲގެ ހަޟްރަތަށް ހަމްދުކޮށް އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، އަދި ވޯޓުގައި ބައިވެރިވެވަޑައިގަތް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.“ ރައީސް ވިދާޅުވިއެވެ.

މިއަދު ވަނީ ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ދިހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މީހުން ހޮވައިފައެވެ.

ކައުންސިލް ބައި-އިލެކްޝަން ކުރިއަށްގެންދިޔައީ ނ. ލަންދޫ އާއި ހދ. މަކުނުދޫގައެވެ. އޭގެ ތެރެއިން ލަންދޫގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީއެންސީން ކުރިމަތިލި އާތިފާ މޫސާއެވެ.

މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދެވެ.

މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވަނީ އަށް ރަށެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕީއެންސީއަށް ކާމިޔާބު ނުވީ އދ. ހަންޏާމީދޫއާއި ދ. ހުޅުދެއްޔާއި ނ. މިލަދޫގެ ގޮނޑިއެވެ.

މިއަދުގެ އިލެކްޝަންތަކުގައި އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބުވީ 2 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި ދެ ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.