މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)’އިން ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން ދެ ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، 20 ބިދޭސީން ވެސް ހިމެނެއެވެ.

އަލިފާން ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާއިރު މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.