މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ޝަކީލް އަވަހާރަވުމާ ގުޅިގެން  ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ، ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.
ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރު ގަދަ ބޭފުޅެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މެރިން ރިސާރޗް އިންސްޓިޓިއުޓް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލަކީ އެ އިދާރާ އުފެދުނީއްސުރެއް އެތަނުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅެކެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ޝަކީލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.