ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެތް އަޅައިގެން ބައެއް މީހުން އުޅޭކަމާއި ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަަށެވެ.

އަދި ސައިކަލު ފަދަ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެލުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން، އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ބުނެފައެވެ.