ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަން ނިންމީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
އެގޮތުން ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބީއެމްއެލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑް ލިމިޓަކީ މިހާރު 250 ޑޮލަރެވެ.
ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ 250 ޑޮލަރު ހިމެނޭ ގޮތަށް އިތުރު 1،500 ޑޮލަރާއެކު ޖުމްލަ 1،750 ޑޮލަރު މިފަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ ދިވެހިންނަށް ހަމަޖައްސައި ދިނުމަށެވެ.

