ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނާ ގޮތް ބަދަލުކުރަން މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ހ. ގައި އޮތް ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަށެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ގަވާއިދުގައިވެއެވެ.

އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށްވެސް ގަވާއިދުގައިވެއެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ފުރަތަމަ ދައުރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ދެމިގެންދާގޮތަށެވެ.

އަދި ދެވަނަ ދައުރު އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށާއި، ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.