ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)‘އާ މިއަދު ހަވާލުކޮށްފިއެވެ.

މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމްއެވެ.

އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ.

މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތް ދޭ ގޮތަށެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެ ކުންފުނިން އެ ހިދުމަތް ތައާރަފްކުރަނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެ ހިދުމަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ހިދުމަތުގެ ތެރެއިން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށްވެސް ވަޒީފާ އަދާކުރެވޭނެ ކަމަށާއި ސަރުކާރުން އެކަން ކުރަނީ އާމްދަނީ ހޯދުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.