ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މުވައްޒަފުންނަށް ރޯދަ އެލަވަންސް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ސަރުކާރުގެ ކުންފުނިތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީގެ ބޯޑުން މިއަދު ނެރުނު ސަރކިއުލާގައި ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ދޭނީ 3000 ރުފިޔާގެ އެލަވަންސް އެކަނި ކަމަށެވެ.
އަދި ރޯދަމަހާ ގުޅުވައި އިތުރު ހަދިޔާތައް ނުދިނުމަށް އެ ސަރކިއުލާގައި އަންގާފައި ވެއެވެ.
އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާނަމަ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހުން ރޯދަ އިނާޔަތް ދިނުމަށް ވެސް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ރަމަޟާން މަސް ފެށޭއިރު ޕޭ ލީވް ނުވަތަ ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށާއި ރޯދަ މަހުގެ ތެރެއިން ހިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހުން ފެށިގެން ރަމަޟާންގެ މަހުގެ ނިޔަލަށްވާ އަދަދަށް ރޯދަ އިނާޔަތް ދިނުމަށް ވެސް ސަރކިއުލާގައި އަންގާފައި ވެއެވެ.
ޕީސީބީ އިން މީގެކުރިންވެސް ވަނީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ.

