މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ، މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެވެ.

އަދި ޑޮކްޓަރުާއިރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރުގައެވެ.

އޭނާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އެއީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ަކަމަށް ކަރެކްޝަނުން ބުނެއެވެ.

އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވުމާ ގުޅިގެން ކަރެކްޝަނުން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައިފައި ކަމަށް އެ އިދާރާއިން ބުނެއެވެ.