ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
މިގޮތުން ރިއަލް އެސްޓޭޓް ލޯނަށް ގެނައި ބަދަލުތަކަކީ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދު 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކުރުމާއި، ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުމާއި، ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓާ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ލޯނަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުމެވެ.
އަދި ގެސްޓްހައުސް ލޯނަށް ގެނައި ބަދަލުތަކަކީ ލޯނަށް އެދި ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުމާއި، ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯން ލިބުމާއި، އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯން ލިބުމެވެ.
ބީއެމްއެލްއިން ވިދާޅުވީ ވަރކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކާއެކު، ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިން ނެގޭނެއެވެ.
އެ ޝަރުތު ލުއިކޮށްފައިވަނީ ގިނަ ވިޔަފާރިތަކަކަށް ވަރކިން ކެޕިޓަލް ފައިނޭންސިން ހަމަޖެހުމަށް މަގުފަހި ކުރުމަށެވެ.
ަމިމަހުގެ 10 ވަނަ ދުވަހު ބީއެމްއެލްއިން ވަނީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިންއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

