ރަމަޟާންމަހު އަޅުކަމަށް ވަގުތުދެވޭ ގޮތަށް ވަގުތުތައް ރޭވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ ”ޝައުބާން މަހުގައި ހެޔޮ އަމަލުކުރުން“، މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނީ މިހާރު ވޭތުކުރަމުންދާ ޝައުބާން މަހަކީ އެތައް ގޮތަކުން ހާއްސަ މަހެއް ކަމަށެވެ.
ޝައުބާން މަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށެވެ.
މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ، އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ ޢަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
”ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫންކަން ދަންނާށެވެ. ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކާށެވެ.“ ހުތުބާގައި ބުންޏެވެ.
މީގެއިތުރުން ދީލަތިކަން އިތުރުކޮށް، އޯގާތެރި މަޑުމައިތިރި މީހަކަށް ވުމަށާއި ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވާން ނަސޭހަތްދީފައިވެއެވެ.
”ކެތްތެރިކަން އިތުރުކުރާށެވެ. ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވާށެވެ. ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރާށެވެ،“ ހުތުބާގައި ގޮވާލާފައިވެއެވެ.

