މިދިޔަ އަހަރު މިސްކިތްތަކުގެ މަރާމާތަށް އަށް މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ “އަހާ” ފޯރަމްގައި ރޭ ވާހަކަދައްކަމުންނެވެ.

ޝަހީމް ވިދާޅުވީ މިހާތަނަށް މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތަށް 96 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ.

އަދި މިސްކިތްތައް މަރާމާތު ކުރުމަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރި ހޭދަތަކާއި މިސްކިތްތަކުގެ ފަންޑުން ކުރި ހަރަދުތައް ވެސް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން މި އަހަރު 41 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

އެއީ މިހާރު ކުރިއަށްގެންދާ 35 މަޝްރޫއުގެ އިތުރުން މިއަހަރު އަލަށް ފަށާ ހަ މަޝްރޫއުއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.