ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބު ދާރީވުމަށް މިނިސްޓަރު އިހުސާނަށް އެއް ގަޑިއިރު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު މިދިޔަ މަހުއެވެ.
އެ މައްސަލަ ވެއްދީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އާއްމުންގެ މައުލޫމާތު ނަގައިގެން، ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލައިގައެވެ.
އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މިއަދު ބޭއްވި އާންމު ކޮމިޓީގައި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވީ މިނިސްޓަރުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައި އޮތުމުން ޖަވާބުދާރީވާން ގިނަ ވަގުތު މިނިސްޓަރަށް ދޭން ޖެހޭނެ ކަމަށެވެ.
އެހެންވެ ޖަވާބު ދާރީވާން މިނިސްޓަރަށް ގަޑިއެއްގެއިރު އަދި ޕާޓީތަކަށް ބައިގަޑިއިރު ދޭން ހޮޅުދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުއްވަަމަށް އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް އަބްދުއް ރަހުމާން ތާއިދުކުރެއްވިއެވެ.
އާންމު ކޮމިޓީން އެ ހުށައެޅުން ފާސްކުރީ ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ. އަދި ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

