ދިވެހި ގައުމު މި ދެކޭ ކުރިއެރުމާއި ތަރައްގީގެ ހަގީގީ މޭސްތިރިންނަކީ އިސްރަށްވެހިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންނަކީ، ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެމީހުންނަކީ، އެ މީހުންގެ ޅަދުވަހާއި ޒުވާން ޢުމުރު ދަތި ހާލުގައި ހޭދަކުރައްވައިގެން، އަޅުގަނޑުމެންގެ މިއަދުގެ އުފަލަށްޓަކައި ޖާނާއި ފުރާނައިން ގުރުބާންވި އިހުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައިކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ގައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ގައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، މި ރަސްމިއްޔާތުގައި އިސްރަށްވެހިންގެ އަރިހުން އެކަމަނާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ.
މީގެއިތުރުން އެކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑުވެސް އިފްތިތާޙުކުރައްވާފައިވެއެވެ.

