އިސްރަށްވެހިންގެ ނާދީތައް ގާއިމުކުރުމުގެ މަސައްކަތް ފުޅާ ކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އިސްރަށްވެހިންގެ ނާދީއަށް އަހަރެއް ފުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އިސްރަށްވެހިންގެ ނާދީ ހުޅުވުމުން، ދޮށީ އުމުރުގެ ފަރާތްތަކަށް ކުރީގެ ރަހްމަތްތެރިންނާ ބައްދަލުވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިސްރަށްވެހިންނަށް ކަންކަމުގައި ޝާމިލުވެ އުޅެވޭނެހެން ޖާގަތައް ތަނަވަސްކުރެވި، ހަރަކާތްތައް ހިންގަން ފެށުމުން، އެމީހުންގެ އިޖްތިމާއީ ދުޅަހެޔޮކަމަށް އަންނަ ހެޔޮ ބަދަލުތަކާ އެއްގޮތަށް، އިންތިޒާމް ކުރެވިގެން ހިންގޭ މިފަދަ ހަރަކާތްތަކަކީ އޭގެ ސަބަބުން ޖީލުތަކުގެ މެދުގައި އޮންނަ ތަފާތުތަކާއި ދުރުމިން ކުޑަކޮށްދީ، ކުޑަކުދިންނަށް އާއިލީ ގުޅުންތަކުގެ މުހިންމުކަން އިހުސާސް ކުރުވާނެ ކަމެއް ކަމަށެވެ.

ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މިނިސްޓަރު ވިދާޅުވީ، މިހައިތަނަށް 60 އަށްވުރެ ގިނަ ކައުންސިލުން މިކަމަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ، ކިޔޫގައި ނުޖެހި ހިދުމަތް ހޯދައި ވިޔަފާރިތަކުން ޑިސްކައުންޓު ލިބޭނެ ގޮތަށް އިސްރަށްވެހިންނަށް ހާއްސަ އިސްރަށްވެހިންގެ ނާދީ މެމްބާޝިޕް ކާޑު ތައާރަފުކޮށްފައެވެ.

އެ ކާޑު ތައާރަފުކޮށްފައިވަނީ އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ކާޑު ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

ސޯޝަލް މިނިސްޓްރީން ބުނީ އެ ކާޑަކީ ނާދީގެ ކޮންމެ މެންބަރަކަށް ފަސޭހަކަމާއެކު ނާދީގެ ހިދުމަތްތައް ހޯދުމަށާއި، ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ.

އޭގެ އިތުރުން ނާދީއާއެކު ޕާޓްނާ ހިދުމަތްދޭ ތަންތަނުން ކިޔޫގައި ނުޖެހި ހިދުމަތް ހޯދުމަށާއި، ޑިސްކައުންޓު ރޭޓުތަކުގައި ވިޔަފާރިކުރުމަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.