ފަޅު ރަށެއްކަމަށްވާ ރ. އަތޮޅު ”އުފުލަންދޫ“އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އެ އަތޮޅު ”ތާވަތާ“ އަކީ މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުން ނެރުއްވި ގަރާރެއްގައެވެ.

ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ރަށްތައް މަޑުއްވަރީ އާއި މީދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ނިންމަވާ، ރައީސް އެކަން އިއުލާނު ކުރެއްވީ، މިދިޔަ މަހުގެ 22ވަނަ ދުވަހު އެއަތޮޅަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.

ރައީސްގެ މި ވައުދުފުޅަކީ އެ ދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.