ހދ.ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ހުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު އަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް އަލީ ވަހީދު (28އ) އެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި، ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

