އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސް ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި އަދާލަތު ކުރިއެރުވުމުގެ އަޒުމުގައި ކަމަށެވެ.
އަދި އިޖުތިމާއީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ދެމިހުންނެވި ކަމަށް ވިދާޅުވިއެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބޭރުން އަންނަ ލޮޅުންތަކާއި އިގްތިސޯދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމައު ހިމާޔަތްކޮށްދިނުމުގައި އެ ފަދަ ހަރުދަނާ ނިޒާމުތަކުން ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ، 2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ރާއްޖެއިން މަސައްކަތް ކުރާނީ، އިޖުތިމާއީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓާތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާއީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގްތިސޯދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ.
އެގޮތުން، ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ ސިޓީއަށް ކަމަށާއި އެއީ، ގެދޮރުވެރިކަމާއި އިގްތިސޯދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

