ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ‏‏އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ”ރޯދަ ސާފު“ ޕްރޮގުރާމު މި އަހަރުވެސް ފަށައިފިއެވެ.

ރޯދަ ސާފު ޕްރޮގުރާމަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީގެ ރޯދަ ސާފު ޕްރޮގްރާމްގެ ތެރެއިން

 

އެގޮތުން، މިއަހަރުގެ ރޯދަ ސާފު އިވެންޓު މިއަދު ފެށީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ.

މި އިވެންޓުގެ ދަށުން، އަންނަ ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ އިވެންޓުގައިވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވެއެވެ.

މި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން، އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުމެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްޑީސީން ބުނީ، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.