ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުރި ގެއަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި، 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުއެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ އެތަނުން ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

