ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދާއި، ސައުދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދަށް، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ”އެކްސް“ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، ސައުދީ އަރަބިއްޔާގެ ލީޑަރޝިޕާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.
އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.

