ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.
އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސް ދ އަތޮޅުގެ ހުރިހާ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.
މިގޮތުން މި ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

