ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ބަނޑިދޫގެ އިސްރަށްވެހިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ބަނޑިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ އިސްރަށްވެހިން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ކަންކަމާއި، އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ބިން ހިއްކުމަށް ބޭނުންވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންވަނީ ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި، ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ އިސްރަށްވެހިން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ ކަންކަމާއި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަ އިރު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މިނިސްޓްރީއާވެސް ވާހަކަދެއްކުމަށްފަހު ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.